
ޔުޓިލިޓީ ހިދުމަތްތަކާ ގުޅުން ހުރި ދާއިރާތަކުގެ ޕްރޮފެޝަނަލް، ތަޖުރިބާ ހުރި މަސައްކަތްތެރިންނަށް ލައިސެންސެއް ދޫކުރުމަށް ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔޫއާރުއޭގެ ޔުޓިލިޓީ މެނޭޖުމަންޓް ޑިރެކްޓަރު އަލީ މިޝާލް ވިދާޅުވި ގޮތުގައި ހަތަރު ދާއިރާއަކުން ޔުޓިލިޓީ ލައިސެންސްއެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ދާއިރާތަކަކީ ކަރަންޓު، ފެން، ނަރުދަމާ، އަދި ކުނި މެނޭޖުކުރުން ކަމަށެވެ.
މި ލައިސެންސާ އެކު އެ ދާއިރާތަކުގައި ޕްރޮފެޝަނަލް ދިވެހި މަސައްކަތްތެރިންނަށް މަސައްކަތްކުރެވޭނެ ގޮތް މަގުފަހިކުރަން ޖެހޭ ކަމަށާއި، އެ އިންތިޒާމުކުރަން ޖެހޭ ކަންކަން މިހާރު ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިޝާލް ވިދާޅުވިއެވެ. އެ ގޮތުން ތަޖުރިބާގެ އިތުރުން ސަނަދުގެ ގޮތުން ވެސް ބޭނުންވާ ހުނަރާއި ގާބިލްކަން ހުރި ފަރާތްތައް ތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިހާރު ކަރަންޓުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން ދެނަގެނެވޭނެ ނިޒާމެއް އެ ވަނީ ގާއިމުކޮށްފައި. ވަރަށް އަވަހަށް ފެނާއި ނަރުދަމާގެ ދާއިރާގައި ވެސް ލައިސެންސް ދިނުމުގެ މަސައްކަތް ފަށާނެ. ކުނީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން ދެނެގަތުމަަށް އެކުލަވާލަން ޖެހޭ ކަންކަމާއި ފަރުމާކުރުމުގައި އުޅޭ މީހުންނަށް ވެސް ލައިސެންސް ދެވޭ ގޮތަށް ދަނީ ހަމަޖައްސަމުން،” އޭނާ ވިދާޅުވިއެވެ.
އަލީ މިޝާލް ވިދާޅުވި ގޮތުގައި ލައިސެންސް ދޫކުރުމުގެ މައިގަނޑު ބޭނުމަކީ ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ކަށަވަރުކޮށްދިނުމެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































