މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބުރުން ނެގޭނެ ކަމަށާއި ޕާޓީ އަށް ބަދު ބަސް ނުބުނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ފަރެސްމާތޮޑާ އަށް ވަޑައިގެން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ވިދާޅުވުމަކަށް ރައްދު ދެއްވަމުންނެވެ.

ސޯލިހު ވިދާޅުވީ ރައީސް ނަޝީދާއި ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ތެރެއިން ކަމަށެވެ. އެމްޑީޕީގައި މި ވަގުތު 60،000 މެންބަރުން ތިބިއިރު، ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން އިތުރަށް 90،000 އަށްވުރެ ގިނަ ވޯޓު ބޭނުންވާ ކަމަށާއި އެ ހޯދޭނީ ރައްޔިތުން ގަބޫލުކުރާ ވިސްނުމާއި ސިޔާސަތުތަކާ އެކު ކުރިއަށް ގޮސްގެން ކަމަށް ވެސް ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ އެކަނި އެއް ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކޮންމެ އިންތިހާބެއް ވެސް ކާމިޔާބުވަމުން ދިޔައީ އެންމެން ގޮވައިގެން ކުރި މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ އެންމެންނަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު މި ބުނި ބުނުމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ 2028ގައި ސަރުކާރު ބަލިކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި މިހާރުވެސް ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ގެންދާނަމަ 2028 ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

“ސަރުކާރު ބަލިކުރުމަކީ 2028 ގައި މާ އުނދަގޫ ކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ މި ހަރަކާތްތައް މިގޮތަށް ގެންގޮސްފި ނަމަ. އެހެން ނަމަވެސް އެއީ އެވެނި ބަޔަކާ މިވެނި ބަޔަކާ ގުޅިލައިގެން އަދާލަތު ޕާޓީގެ އެހީ އެއް ހޯދާލައިގެން، ޖުމްހޫރީ ޕާޓީގެ މަދަދުވެރިކަމެއް ހޯދާލައިގެން އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއްގެ ގޮތުގައި އެއް ގޮތަކަށް ވެސް ދެކި ނުލައްވާތި. މި ހުރިހާ ކަމެއް ކުރާ ހަގީގީ ބަޔަކީ މި ރީނދޫ ލަޝްކަރަކީ ތިބޭފުޅުން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޯލިޝަން ހެދުމުން ސަރުކާރަށް އައިސް ހުރިހާ މަގާމެއް ލިބެނީ އެހެން ކުދި ކުދި ޕާޓީތަކަށް ކަމަށާއި އެހެންވުމުގެ ސަބަބުން އެމްޑީޕީ މެންބަރުން ބާކީ ވަމުން ދާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ޕާޓީ އާ ދޭތެރޭ ބުނެވޭ ބަދު ބަހެއް ކަމަށާއި އަދި އެއީ ޕާޓީ ދައްކޮށްލުން ކަމަށެވެ.

Leave a Reply