ދިވެހިރާއްޖޭގެ ތަރިކައާއި ސަގާފަތް ކުރިއެރުވުމުގެ މަސައްކަތްތައް ރާވައި ހިންގުމުގައި، އެ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމާޢަތްތަކާއި ފަންނީ ތަޖުރިބާކާރުންގެ ފުރިހަމަ އެހީތެރިކަން ހޯއްދަވާނެކަމުގެ ޔަގީންކަން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ދެއްވައިފިއެވެ.

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ އިސްވެރިންނާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސިނާޢަތަށް އެދެވޭ ކުރިއެރުމެއް ގެނެވޭނީ ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ޤާބިލު ފަރާތްތައް ގުޅިގެން ކުރާ ބުރަ މަސައްކަތުންނެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިގެންދާނީ މިފަދަ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ޠާހާ އަބޫބަކުރާއި، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަފްރަޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެބޭފުޅުން ވަނީ ޖަމިއްޔާގެ މާޒީގެ ކާމިޔާބީތަކާއި، ކުރިމަގަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ ތަފުސީލުތައް ސަރުކާރާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، އަމިއްލަ ޖަމާޢަތްތަކުން މި ދާއިރާގައި މަސައްކަތްކުރާއިރު ދިމާވާ އެކިއެކި ދަތިތަކާއި ހުރަސްތަކުގެ މަޢުލޫމާތު ވަޒީރަށް އަރުވައި، އެ ކަންކަން ޙައްލުކުރުމަށް ވުޒާރާގެ ފަރާތުން ބޭނުންވާ އެއްބާރުލުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

Leave a Reply