
ބ. ދަރަވަންދޫ ވައިގެބަނދަރުގެ ޖާގަ އިތުރުކޮށް ޚިދުމަތް ފުޅާކުރުމުގެ ބޭނުމުގައި، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އެތަނުގެ އައު ޓާމިނަލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން ދެވަނަ ފަހަރަށް އިޢުލާނުކޮށްފިއެވެ.
މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ވަގުތަކީ ކުރިއަށް އޮތް އަންގާރަ ދުވަހުގެ ރޭ 11:59އެވެ. އޭގެ ފަހުން، ޕްރޮޕޯސަލްތައް ހުށަހެޅުމަށް އަންނަ ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ދެވޭނެކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތުދެއެވެ. ބިޑުތައް ވަޒަންކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައި ވަނީ، 50 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާ އެކު ނިންމާފައިވާ، ތަޖުރިބާކާރު ކުންފުނިތަކަށެވެ. އަދި މަސައްކަތް ޙަވާލުކުރެވޭ ތާރީޚުން ފެށިގެން ގިނަވެގެން ދޮޅު އަހަރު (18 މަސް) ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމަން ލާޒިމުކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުއަޑީގެ ޤުދުރަތީ ރީތިކަން ސިފަވާނެހެން ފަރުމާކޮށްފައިވާ މި ޒަމާނީ ޓާމިނަލަކީ އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ބިނާކުރާ ތަނެކެވެ. މީގެ އިތުރުން، ދަތުރުވެރިންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން 75 މީހުންގެ ޖާގައިގެ ޚާއްޞަ ލައުންޖަކާއި، ތުއްތު ކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރެވޭނެ ބޭބީ ކެއަރ ސަރަޙައްދެއް ވެސް އައު އިމާރާތުގައި ހުންނާނެއެވެ.
މިއީ މި ޓާމިނަލް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިޢުލާނުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މަސައްކަތަށް ބީލަމަށް ހުޅުވާލީ ހިނގަމުންމިދާ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ދަރަވަންދޫ ވައިގެބަނދަރު އިތުރަށް ތަރައްޤީކޮށް ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާ އައިލެންޑް އޭވިއޭޝަނުން ރަސްމީކޮށް ޙަވާލުވީ މިއަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ. މި އެއަރޕޯޓަކީ 2012ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލި ތަނެކެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































