
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ)އަކީ މީގެ ކުރިން ލިބިވަޑައިގަތް ފުރުސަތުތަކުގައި އައްޑޫ ސިޓީއަށް އެއްވެސް ކުރިއެރުމެއް ގެނެސްދެއްވިފައިނުވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ވޯޓު ނުދެއްވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އެ ދާއިރާގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ޕީއެންސީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އަހްމަދު ސައީދުގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ސޯބެގެ މާޒީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، 2011ވަނަ އަހަރުން ފެށިގެން ދިހަ އަހަރު ވަންދެން މޭޔަރުކަން ކުރެއްވުމުގެ އިތުރުން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އައްޑޫގެ އުމްރާނީ ތަރައްގީގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވި ނަމަވެސް، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދެއްވިފައި ނުވާކަމަށް ޝިޔާމު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީއަށް އައްޑޫ ރައްޔިތުން ދިން ފުރިހަމަ ތާއީދާ އެކު ދެ ސަރުކާރެއް އުފެއްދި ނަމަވެސް، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން އެ ސިޓީ އޮތީ ބޮޑު އިހުމާލެއްގެ ތެރޭގައިކަން ޝިޔާމު ފާހަގަކުރެއްވިއެވެ. އަދި 2021ވަނަ އަހަރުގެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ މެންބަރުން ސޯބެއަށް ނޫނެކޭ ބުނެފައިވާކަން ހަނދާންކޮށްދެއްވަމުން، އޭނާ މިހާރު މަޖިލީހަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ހަމައެކަނި ސިޔާސީ މަންފާއެއް ހާސިލުކުރެއްވުމުގެ ބޭނުމުގައިކަމަށް ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޭތެރެއަށް ކުރެއްވި ޒިޔާރަތްތަކަށް އަލިއަޅުއްވާލައްވައި ޝިޔާމު ވިދާޅުވީ، ތަރައްގީއަށް އެ ދާއިރާގެ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެންގޮސްފި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މަންދޫބަކު މަޖިލީހަށް އިންތިހާބުކޮށްގެންކަން ރައްޔިތުން މިހާރު ގަބޫލުކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ޝިޔާމު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުންތަކާއި ދެ ރައީސުންގެ ދެމެދުގައި އޮތް މައްސަލަތައް ހައްލުކުރުމުގައި ވަގުތު ހޭދަކުރަންޖެހުމުގެ ސަބަބުން، ސޯބެއަށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވަގުތު ދެއްވޭނެކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އެހެންކަމުން، ތަރައްގީއަށް ހުރަސްއެޅޭނެ ފަދަ ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް އޭނާ ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































