ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި “ހޯކްސް ވޮޔޭޖް” ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް “ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް” އަރުވައިފިއެވެ.

މިއަދު ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އެވެ.

މި ހާދިސާ ހިނގާފައި ވަނީ 2026 ޖުލައި 31ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. ލޭންޑިންގ ކްރާފްޓް “ހޯކްސް ވޮޔޭޖް” ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ވަނީ ކަނޑުވެފައެވެ. ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް މި އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، މާތް ﷲ ގެ ރަޙްމަތްފުޅާ އެކު ކަނޑުވި މީހުންގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި، އިހުލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

ހަމައެއާ އެކު، ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވައި، ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިޚްލާޞްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

Leave a Reply