
ނިމިގެން ދިޔަ ހަފްތާގައި ފެނުނު ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވެއްޖެއެވެ.
މި އަހަރު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް އައީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ދިޔައީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ނިމިގެން ދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 13ކޭސް ފެނުނެވެ. ނަމަވެސް އޭގެ ކުރީ ހަފްތާ ފެނުނީ އެންމެ ފަސް ކޭސްއެވެ.
އާ ކޭސްތަކާ އެކު ހިމަބިހި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 282އަށް އަރައިފައެވެ.
ހިމަބިހި އިތުރުވަމުންދާތީ އެ ބަލި ކޮންޓްރޯލްކުރަން ހިމަބިހީގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަ ނުކުރާ މީހުންގެ ގަޔަށް ވެކްސިން ޖަހަން ވެސް ހެލްތު މިނިސްޓްރީން މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އިންޑިއާއިން ވަނީ އެކަމަށް ބޭނުންވާ ވެކްސިން ޑޯޒްތައް ރާއްޖެއަށް ހަދިޔާވެސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ މިހާތަަނަށް 16،423މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.
ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ “މީސްލްސް”ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބަޔާންކުރައްވާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ވައިރަސް ވާސިލު ވަނީ ހަށިގަނޑުން ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ފާއިތުވަންދެން އޮންނަ މުއްދަތުގެ ތެރޭގައެވެ






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































