ރައްޔިތުންގެ މަޖިލީހުގެ 1/3 މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރައްވަން ހުށަހެޅުމުން ވޯޓަށް އަހަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައާ ގުޅުވައިގެން ނަޝީދު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އޭނާ ވަކިކުރަނީ ބައެއް މެންބަރުންނާ ގުޅިގެން ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން އުޅުއްވުމުން ކަމަށެވެ. ނާޒިމްއާ ގުޅިގެން އެ ކަމުގައި ޕީއެންސީގެ 23 މެންބަރަކު މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ކުރިން ވެސް ނަޝީދު ވަނީ މި އަހަރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކޮށްގެން ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްޔިިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ, ރޭ ވަނީ ރައްދުދެއްވައިފައެވެ. އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނުނެންގެވޭނެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

“އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ.” އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ވާހަކައަށް އަނެއްކާ ނަޝީދު ރައްދު ދެއްވައި އެކްސްގައި މިއަދު ޕޯސްޓެއް ކުރެއްވިއެވެ. އެ ޕޯސްޓުގައި ވިދާޅުވީ މަޖިލިސްގެ 1/3 މެންބަރުން ހުށަހެޅުމުން ވޯޓަށް އަހަން ޖެހޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީ ގެ އެންމެ ބޮޮޑު ހަމަ ކަމަށް ވެސް ވިދާޅުވިއެވެ.

Leave a Reply