ހަމަޖެހުމާއި ސުލްހައަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

އިރުތިޝާމް އެެފަދައިން ވިދާޅުވީ ޗައިނާގެ ކުންމިންގައި މިހާރު ކުރިޔަށްދާ ހަތް ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ގާއިމުކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން ފާހަގަކުރައްވައި އިރުތިޝާމް ވަނީ އެކަމުގައި ސަރަހައްދީ ގުޅުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވައިފައެވެ. އަދި ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 2024ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ރާއްޖޭއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ރާއްޖެ އާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު އިރުތިޝާމް ދެއްވިއެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަހައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

Leave a Reply