
ދަރުމަވަންތަ ސުކޫލުގެ ހޯލު ހެދުމަށް މާލެ ޖަލު ތަޅާލުމުގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިމޭނެ ކަމަށް ތައުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ޝަފީއު ވިދާޅުވީ އެ ޖަލު ތަޅާލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެތަން ހުސްކުރުމުގެ މަސައްކަތް ކަމަށާއި އަމާޒަކީ މިއަހަރުގެ ފަހުކުއާޓަރުގައި އެތަން ތަޅާލުމުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
” ހޯލެއް ބިނާކުރާއިރު ފެންވަރު ރަނގަޅު ހޯލެއް ތަރައްޤީކުރެވޭނެ. މަލޭގައި ހުރި އެންމެ ޒަމާނީ ހޯލަކަށް ވާނެ. ޖާގައަށް ބަލައިރު ވެސް އެކިކަންކަމަށް ބޭނުންކުރޭވެނެ ގޮތަށް ތަރައްޤީކުރާނީ” ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ދަރުމަވަންތަ ސްކޫލް މިހާރު ތަރައްޤީކޮށްފައިވާ ބިމަކީ ޖާގަ ބޮޑު ބިމެއް ކަމަށާއި ނިމިދިޔަ ސަރުކާރުން ރަނގަޅަށް ޕްލޭން ކުރިނަމަ، ސްކޫލްގެ އިތުރުން އެތަނުގައި ދަރިވަރުން ކުޅޭނެ ތަނަކާއި ހޯލެއް ވެސް އެޅޭނެ ޖާގަ އެތަނުގައި އޮންނާނެ ކަމަށެވެ.
ދަރުމަވަންތަ ސުކޫލުގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގައެވެ. އެ ސުކޫލުގައި 41 ކުލާސްރޫމް ހިމެނުނު ނަމަވެސް އެ ސުކޫލުގައި ހޯލެއް ނުހުރެއެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































