
އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ގިނަ އޮފާތަކެއް ހިމެނޭހެން “ފުޓުބޯޅަ ފޯރި” ކެމްޕޭނު މިއަދު ރަސްމީކޮށް ފަށައި، ކުޑަކުދިންގެ ހަވީރެއް މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.
މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00އިން ފެށިގެން 18:00އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ކެމްޕޭނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އުރީދޫއިން ވަނީ އެމްޓީވީ “ވީއާރ26” ގެ ނަމުގައި އައު ޕެކޭޖެއް ނެރެފައެވެ. އަންނަ ޖުލައި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭ މި ޕެކޭޖުގެ އަގަކީ 275 ރުފިޔާއެވެ. މީގެ ތެރޭގައި 3 ޖީބީގެ އާންމު ޑޭޓާއާއި، މުބާރާތް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓްގެ ޓީވީ ސަބްސްކްރިޕްޝަން ހިމެނެއެވެ. އުރީދޫއިން މަޢުލޫމާތުދޭ ގޮތުގައި، އުރީދޫ އެޕްގެ “ހޮޅުއަށި” މެދުވެރިކޮށް މި ޕެކޭޖު ފަސޭހަކަމާ އެކު ނެގޭނެއެވެ.
މީގެ އިތުރުން، ގޭބިސީތަކަށް އިންޓަނެޓް ފޯރުކޮށްދޭ ސުޕަނެޓް ކަސްޓަމަރުންނަށް ވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން، ޖުލައި މަހުގެ ނިޔަލަށް ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް އެއްވެސް އިތުރު ފީއަކާ ނުލައި އަޕްގްރޭޑްކޮށްލެވޭނެއެވެ. މި ބަދަލު ގެންނަ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަހު ބިލް ކުރެވޭނީ ކުރިން ވެސް ފައިސާ ދައްކަމުން އައި ރޭޓުންނެވެ. ނަމަވެސް އެ މުއްދަތަށް ފަހު ޕެކޭޖު ދަށްނުކުރާނަމަ، އަޕްގްރޭޑްކުރި ޕެކޭޖުގެ އަސްލު ފީ ނަގަން ފަށާނެއެވެ. ހަމައެހެންމެ، އަލަށް ސުޕަނެޓް އަންލިމިޓެޑް ނަގާ ފަރާތްތަކާއި ޕެކޭޖު މަތިކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ޚާއްސަ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މެޗުތައް ބެލުމުގެ ތަޖުރިބާ ގޭތެރޭގައި އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ރެޑްވޭވްއާ ގުޅިގެން ޓީވީ ގަނެވޭނެ ފަސޭހަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައެވެ. ފާއިތުވި ހަ މަސްދުވަހު ގަވާއިދުން ބިލް ދައްކާފައިވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށާއި، އަލަށް ޑައިރެކްޓް ޑެބިޓް ހަދާ ފަރާތްތަކަށް 12 މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް އައު ޓީވީއެއް ނެގޭނެއެވެ. 599 ރުފިޔާއާއި 700 ރުފިޔާއާ ދެމެދުގެ ޕެކޭޖު ގެންގުޅޭ ފަރާތްތަކަށް 55 އިންޗީގެ ޓީވީ ލިބޭއިރު، 800 ރުފިޔާއިން މަތީގެ ޕެކޭޖުތަކަށް އެކި ސައިޒުތަކުގެ ޓީވީ ޚިޔާރުކުރެވޭނެއެވެ. މި އޮފާގައި ބައިވެރިވުމަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކަށް ހުށަހެޅުމުން، މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވް ފިހާރަތަކުން ބޭނުންކުރެވޭނެ ވައުޗަރެއް ދޫކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭ މި ކުޅިވަރު މުބާރާތުގެ ތެރެއިން ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން މުއްސަނދިކޮށްދިނުމަކީ ކުންފުނީގެ އަމާޒުކަމަށް އުރީދޫން ފާހަގަކުރެއެވެ. މި ކެމްޕޭނާ ގުޅޭ އިތުރު ތަފްސީލު އުރީދޫ ވެބްސައިޓުންނާއި އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































