
އިސްލާމީ އުސޫލުތަކުގެ ތެރެއިން އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމުގެ މަޤްޞަދުގައި “އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް އެންޑް ޓްރެއިނިންގ ކޭމްޕް” (އައިއީޓީސީ 2026) ރާއްޖޭގައި ފަށައިފިއެވެ.
މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް)އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ނައިބު، އަޙްމަދު ސާޢިދު މުޞްޠަފާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އޭނާ ވަނީ، އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިން ދަރަނި އަދާކުރުމަކީ ރާއްޖެ ފަދަ ޤައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ފަންނީ ޕްރޮގްރާމްތަކުގެ ސަބަބުން އެކަންކަމަށް ޢަމަލީ ޙައްލުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ނައިބު ވަޒީރު ވިދާޅުވިއެވެ.
މި ހަރަކާތާ ގުޅޭގޮތުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ޤައުމެއްގެ ތަރައްޤީ ބިނާވާންޖެހޭނީ ހަމައެކަނި މާލީ ފައިދާއަށް ނޫންކަމަށާއި، އިސްލާމީ އިޤްތިޞާދަކީ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓައިދޭ މުހިންމު ނިޒާމެއް ކަމަށެވެ. މީގެ އިތުރުން، އައިއައިޔޫއެމްގެ ވައިސް ޑިރެކްޓަރ އޮފް ރިސާރޗް އެންޑް އިނޮވޭޝަން، ޕްރޮފެސަރ މުޙައްމަދު އަސްލަމް ވަނީ މިއީ މި ސިލްސިލާގެ ހަތަރުވަނަ ކޭމްޕްކަން ފާހަގަކުރައްވައި، މީގެ އަމާޒަކީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުންކަން ބަޔާންކުރައްވާފައެވެ.
“އެޑްވާންސިންގ އިސްލާމިކް އިކޮނޮމިކްސް ފޯރ ގްލޯބަލް ސަސްޓެއިނަބިލިޓީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް”ގެ ނަމުގައި ކުރިއަށްގެންދާ މި އަހަރުގެ ކޭމްޕުގައި، ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރާނެ ގޮތްތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. ޚާއްޞަކޮށް ޒަކާތާއި ވަޤުފް އަދި އިސްލާމިކް ސޯޝަލް ފައިނޭންސް ބޭނުންކޮށްގެން ނާޒުކު އިޤްތިޞާދުތަކަށް އެހީތެރިވެދެވޭނެ ގޮތްތައް ބައިވެރިން ދިރާސާކުރާނެއެވެ.
މި ކޭމްޕުގެ ތެރެއިން ކުރިއަށްދާ އިލްމީ ބަހުސްތަކާއި ސިޔާސަތުތަކާ ގުޅޭ މަޝްވަރާތައް މެދުވެރިކޮށް، ޒުވާން ޢިލްމުވެރިންނަށް ކަންކަން ދަސްކުރުމުގެ މާޙައުލެއް ފަހިވެގެންދާނެއެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ތަރައްޤީއަށް އަމާޒުކޮށްގެން ސިޔާސަތުތައް އެކުލަވާލުމުގެ ޤާބިލުކަންހުރި އިސްލާމީ އިޤްތިޞާދީ މާހިރުންގެ އައު ޖީލެއް ބިނާކުރުމެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































