އިއްޔެ މެންދުރު ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް މީހުންގެ ތެރެއިން މިހާރު ނުފެންނަ ހަތަރު ޑައިވަރުން ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގެއްލުނު މީހުންގެ ތެރެއިން އެކަކު 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިން މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި ބާކީ ތިބި މީހުން ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން ހާއްސަ ސާމާނާއެކު ވަނީ ޑައިވެއްކޮށްފައެވެ. ނަމަވެސް އެ މީހުންގެ ހިލަމެއް އަދި ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ވަނީ އިޓަލީގެ ރައީސް ސާއޯ މަޓަރެއްލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާކަމަށާ، ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ ޢާއިލާތަކާއި ހެޔޮ އެދޭ ފަރާތްތަކަށް، ހެޔޮ ދުއާކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ. އަދި އެކަމަށްޓަކައި ކުރިއަށްގެންދާ ރިކަވަރީ އޮޕަރޭޝަންގައި އިޓަލީވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

Leave a Reply