މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ލަންކާގެ ތިން ރައްޔިތަކު ހައްޔަރުކޮށް ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ރެއިޑުގައި އެ ގެއިން ވަނީ ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް އަޅާފައިވާ 500 އެމްއެލްގެ 24 ފުޅީގެ އިތުރުން ރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ޓައްޕެއް ހޯދާފައެވެ. އޭގެ އިތުރުން، ބަނގުރާ ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ 38،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1،100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ(42އ)އާއި، ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަ(48އ) އަދި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ(50އ)އެވެ.

Leave a Reply