
ކ. ގިރިފުށީގައި ހިންގާ ސިފައިންގެ ތަމްރީނު މަރުކަޒު އިތުރަށް ތަރައްޤީކޮށް ބިން ބޮޑުކުރުމުގެ ބޮޑު މަޝްރޫޢު ފަށައިފިއެވެ.
މިކަން ފައްޓަވައިދެއްވީ، އެކަމަށް ގ. ގިރިފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު ޙަސަން ރަޝީދުއެވެ.
ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ތެރެއިން، މިހާރު 5.7 ހެކްޓަރު އޮންނަ ގިރިފުއްޓަށް އަލަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ. ބިން ހިއްކުމުގެ އިތުރުން، ރަށްގިރުން ހުއްޓުވުމަށްޓަކައި ބޮޑުހިލައިގެ ތޮށްޓާއި ގްރޮއިންސް އަދި ރިވެޓްމަންޓް ޤާއިމުކުރުން ވެސް މި ފިޔަވަހީގެ ތެރޭގައި ހިމެނެއެވެ.
ކ.ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފި.https://t.co/ffEyq0jlJz pic.twitter.com/bA1wUzYSOz
— Maldives National Defence Force (@MNDF_Official) June 20, 2026
މީގެ އިތުރުން، އެ ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން އެލް-ބްލޮކް ކީވޯލެއްލައި، 40 މީޓަރާއި 12 މީޓަރުގެ ދެ ޖެޓީއެއް ހަދާނެއެވެ. އަދި އަސްކަރީ ތަމްރީނުތަކަށް ޚާއްޞަކޮށްގެން، މިހާރު ބޭނުންކުރަމުންދާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި، 300 މީޓަރުގެ ދިގު ސްމޯލް އާމްސް ރޭންޖެއް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާނެއެވެ.
މި މަސައްކަތްތައް ނިމުމުން، ގިރިފުށި ބަދަލުވެގެންދާނީ ޒުވާނުންނަކީ ޤައުމަށް ފައިދާހުރި ޒިންމާދާރު ބަޔަކަށް ހެދުމަށް ރައީސް ފައްޓަވާފައިވާ “ދިވެހި ވަތަނީ ޚިދުމަތް” ޕްރޮގްރާމްގެ މައި މަރުކަޒަށެވެ. ހަމައެއާއެކު، ސިފައިންގެ އެންސީއޯ އެކެޑަމީއާއި އޮފިސަރ ޓްރެއިނިންގ ވިންގްގެ ހުރިހާ އުމްރާނީ ވަޞީލަތްތަކަކާއި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން އަދި އެހެނިހެން ސަޕޯޓް ނިޒާމްތައް ވެސް އެ ރަށުގައި ފުރިހަމައަށް ޤާއިމުކުރެވިގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތުދެއެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































