ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން ހއ. އުލިގަމުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް މިއަދު ހުޅުވައިފިއެވެ.

އެކަމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އުލިގަމު ގޮފި ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުލް ޤަފޫރު އަޙްމަދާއި ހއ. އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި އުލިގަމު ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ޅ. ހިންނަވަރު، ސ. ހިތަދޫ، ރ. މަޑުއްވަރީ، ހދ. ވައިކަރަދޫ، ކ. މާފުށި، ގއ. ދާންދޫ، ރ. ރަސްމާދޫ، ލ. މާވަށް، ބ. ތުޅާދޫ، ބ. އޭދަފުށި، ހދ. ނޮޅިވަރަންފަރު، ފ. މަގޫދޫ އަދި ރ. ހުޅުދުއްފާރުގައި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ހަރަދުކުރާ މުބާރާތަކަށް ހެދުމާއި، އެ މުބާރާތަކީ އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތަށް ވަނީ ހަދާފައެވެ. އަދި ޙާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރުމާއި، ހާފިޒުންގެ ދަސްވެނިވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply