
ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މެޖިސްޓްރޭޓް ރިޓަޔާޑް, ދ. މީދޫ/ ބިއްލޫރިގޭ އަލީ ޝަފީގު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެެވެ.
އުމުރުން 62އަހަރުގައި ޝަފީގު އަވަހާރަވީ މިއަދުއެވެ. އަދި އޭނާގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު ކުރިއަށް ގެންދަން ވަނީ ނިންމައިފއެވެ.
ޝަފީގު އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިރޭ ވަނީ އޭނާގެ އާއިލާއަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިދުމަތްކުރައްވަމުން ގެންދާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ދަންނަވައިފައެވެ.
ރައީސް ވިދާޅުވީ ޝަފީގު އަކީ ޝަރުއީ ދާއިރާގައި ހިދުމަތްކުރެއްވުމުގެ އިތުރުން ދ.މީދޫގައި އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތް، ދިގު މުއްދަތެއްގައި ކުރެއްވި، ދީނަށް ލޯބިކުރައްވާ، ހުލްގު ހެޔޮ، މުޖްތަމައުގެ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ޤާރީއެއް އަދި އެދުރެއް ކަމަށެވެ.
“މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަލީ ޝަފީގު ލަހައްޓަވާށި! އާމީން”ރައީސް ވިދާޅުވިއެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































