
އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި، މުއްދަތު ފާއިތުވެފައިވާ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ހިންގި ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، ދެ ބިލިއަން ރުފިޔާ ހޯދައިފިއެވެ.
ޓެކްސް އިދާރާއިން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާގޮތުގައި، މި ފައިސާ ހޯދުމަށްޓަކައި ތަފާތު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޑަނިންގ ނުވަތަ އެކި ގޮތްގޮތުން ފަރާތްތަކާ މުއާމަލާތްކޮށްގެން ކުރި މަސައްކަތުންނެވެ. އެއީ 1.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޑިއުސް ކްލިއަރަންސް މެދުވެރިކޮށް 617 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ފޯނުން ގުޅައިގެންނާއި އީމެއިލް ފޮނުވައިގެން 151 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. ބޭންކް އެކައުންޓްތައް ފްރީޒްކުރުމުގެ އުސޫލުގެ ދަށުން 13.5 މިލިއަން އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށްގެން 13.1 މިލިއަން ރުފިޔާ މީރާއިން ވަނީ ރިކަވަރކޮށްފައެވެ.
ފައިސާ ނުދައްކާ ފަރާތްތަކާމެދު މީރާއިން އެޅި އިތުރު ފިޔަވަޅުތަކަށް ބަލާއިރު، ނިމިދިޔަ ކުއާޓަރުގައި ޓެކްސް ބަޔާން ހުށަނާޅާ 10،701 ފަރާތަކަށް ވަނީ އިންޒާރުދީފައެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިވާ 5،776 ފަރާތަކަށް އެކަން ހަނދާންކޮށްދިނުމަށް ފަހު ފަހުގެ ނޯޓިސް ވަނީ ފޮނުވާފައެވެ.
ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން، ދައުލަތަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ވެސް އެ އިދާރާއިން ވަނީ ހަމަޖައްސައިދީފައެވެ. މިގޮތުން، ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު 176 ފަރާތަކަށް ފަހިކޮށްދީފައިވާއިރު، މި އެއްބަސްވުންތަކުގެ ދަށުން 256 މިލިއަން ރުފިޔާގެ ޓެކްސް ފައިސާ ދައުލަތަށް ލިބޭނެކަމަށް މީރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































