ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އެ އޮފީހުން މައުލޫމާތު ދިންގޮތުގައި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. މި މަގާމަށް އެދި ހުށަހަޅަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 ޖުލައި 2026 ވާ އަންގާރަދުވަހުގެ 12:00ގެ ނިޔަލަށް ކަމަށާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00އަށް އެ އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެ އޮފީހުން ބުނީ މި މަގާމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށެވެ.

ޗީފް ސްޓެޓިސްޓީީޝަންގެ މަގާމަކީ ދިވެހި ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި މި ބިއުރޯގެ މަސައްކަތްތަކާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވެސް ފިނޭންސް މިނިސްޓަރެވެ.

މި ވަގުތު މި މަގާމުގައި ހުންނެވީ އާއިޝަތު ހަސަނެވެ.

Leave a Reply