
ތާރީޚީ ހިތާމަވެރި ހާދިސާގެ ހަނދާންތައް އާކޮށްދޭ ސުނާމީ ބިނާ ހިމެނޭ ސަރަޙައްދު މަރާމާތުކުރުމަށްފަހު އާންމުންނަށް ހުޅުވާލާފައިވާއިރު، މި މުހިންމު މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.
މީސްމީޑިއާ އެކްސް ގައި އެ ކުންފުނިން އާންމުކުރި މެސެޖެއްގައި ބަޔާންކޮށްފައިވާ ގޮތުން، ކުރިން ‘ތިން ރުއް ޕާކު’ ގެ ނަމުން ނަންދެވިފައިވާ މި ސަރަޙައްދު މިހާރު ތަރައްޤީކުރެވިފައި ވަނީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި އާއިލާތަކަށް ވެސް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ އަމާން މާޙައުލެއްގެ ގޮތުގައެވެ. އަދި މިއީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް ރައްކާތެރިކޮށްދޭ މުހިންމު ރަމްޒެއްކަން ވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
މި ޕާކުގެ ހުޅަނގު ފަރާތުގެ ތޮށިގަނޑު ހަލާކުވެ، ރާޅާއެކު ވެލިގަނޑު ގިރަމުންދިޔަ މައްސަލަ ޙައްލުކުރުމަށްޓަކައި އެމްޓީސީސީން ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. އެގޮތުން، ކުރީގެ ޝީޓްޕައިލްތައް ނަގައި އައު ކުރުމުގެ އިތުރުން، އެ ސަރަޙައްދުގެ ކީވޯލް ވަނީ އެއްކޮށް މަރާމާތުކޮށް އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލާފައެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































