މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުޓްބޯޅަ ދަނޑެއް އެޅުމަށް ޚާއްޞަކޮށްފައިވާ ބިމަކުން 25 އަހަރުގެ މުއްދަތަށް ކުލި ނުނަގާ ގޮތަށް ދިން މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފިއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްވެރިކަމުގައި، 2023ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2700 އަކަފޫޓުގެ ޖާގައެކެވެ. އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް މި ބިން ދޫކޮށްފައިވާއިރު، އެ ތަނުގައި ފިއުޗަރ ހޯމްސްއިން ވަނީ ދެ ބުރީގެ ގުދަނެއް އިމާރާތްކޮށްފައެވެ. ކުލީގެ ބަދަލުގައި ކުނި އުކާލުމަށް 1.8 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް އެ ކުންފުނިން ބުނި ނަމަވެސް، މިކަމާ ގުޅޭ އެއްވެސް ރަސްމީ އެއްބަސްވުމެއް އެފްއޭއެމްގައި ނެތްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

ފީފާގެ ފޯވާޑް ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރުން 50 އަހަރަށް އެފްއޭއެމަށް ދީފައިވާ މި ބިމުގައި ގުދަން ހަދާފައި ވަނީ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައަކާ ނުލައެވެ. އެގޮތުން، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުން ފާސްކުރަންޖެހޭ ކުރެހުންތަކާއި ހުއްދަތައް ހޯދާފައި ނުވާކަން އެ މުއައްސަސާތަކުން އެފްއޭއެމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ފީފާގެ ހިލޭ އެހީގައި އިމާރާތްކުރަމުންދާ ތަނުގެ ކުރެހުމަށް ބަދަލުގެނެސް، އެކި ފަރާތްތަކަށް ކުޑަ އަގެއްގައި ޖާގަތައް ކުއްޔަށް ދީފައި ވަނީ ފީފާގެ ރުހުމަކާ ނުލައި، އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ޞައްޙަ ނިންމުމެއް ވެސް ނެތިކަން އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.

މި ސަބަބުތަކަށްޓަކައި، އެފްއޭއެމްގެ އެކްސްކޯގެ 14ވަނަ ބައްދަލުވުމުގައި ވަނީ، ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ހުރަސްއެޅޭ ގޮތަށް ހަދާފައިވާ ވަގުތީ ގުދަންތައް ނަގައި، ބިން ހުސްކުރުމަށް ޤާނޫނީ މަސައްކަތްތައް ފެށުމަށް ފާސްކޮށްފައެވެ. އަދި މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ އިމާރާތުގެ އެކި ބައިތަކުގައި ޤަވާޢިދާ ޚިލާފަށް ހިންގަމުންދާ އެންމެހާ ގުދަންތައް ހުސްކުރުމަށް ކުރަންޖެހޭ ކަންކަން ވެސް އެ އިދާރާއިން މިހާރު ވަނީ ފަށާފައެވެ.

Leave a Reply