
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ވީރަން މޯލްޑިވްސް ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5 ކިލޯމީޓަރުގެ ‘މިނިވަން ރަން’ ގިނަ ބައެއްގެ ބައިވެރިވުމާ އެކު ނިންމާލައިފިއެވެ.
މި ހަރަކާތް ފައްޓަވައިދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ އާއިލާއާއި ރައްޓެހިންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހުޅުވާލެވުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މޫސުން ތަންދޭތީ ދުވެވެން ނެތް ފަރާތްތަކަށް ހިނގާލުމުގައި ވެސް ބައިވެރިވެވޭނެކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
ތަފާތު އެކި އުމުރުފުރާތަކުގެ މީހުން ބައިވެރިވި މި ދުވުން ނިންމާލުމަށް ފަހު، ގިނަ ބަޔަކު ވަނީ މިފަދަ ގައުމީ މުނާސަބަތުތަކާ ގުޅުވައިގެން ކުޅިވަރުގެ ހަރަކާތްތައް ރޭވުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ. އާއިލީ ގުޅުންތައް ބަދަހިކޮށް އެކުވެރިންނާ އެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުން، ބައިވެރިން ވަނީ އެކަމުގެ އުފާ ފާޅުކޮށް އެ ފަރާތްތަކުގެ ޝުއޫރުތައް ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.
މި ހަރަކާތް ނިންމާލި ހުރިހާ ދުވުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ބެޖެއް ހަވާލުކޮށްފައިވެއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ މިނިވަން ދުވަހު ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ވެސް މި ދުވުން ބޭއްވުމަށް އިންތިޒާމުކުރާ ވީރަން މޯލްޑިވްސްއިން މިހާރު ވަނީ ނިންމާފައެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































