ނޭޕާލުގައި ފާހަގަކުރާ އެ ޤައުމުގެ ޤާނޫނުއަސާސީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އާއި ބޮޑުވަޒީރު ބަލެންދުރަ ޝާހަށް، ތަހުނިޔާގެ މެސެޖުތަކެއް ފޮނުއްވައިފިއެވެ.

އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ރަސްމީ ސިޓީފުޅުތަކުގައި ރައީސް ވަނީ، ރާއްޖެއާއި ނޭޕާލާ ދެމެދު އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމަކީ އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި، ސުލްޙަވެރިކަމާއި، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން ނުހަނު ބޮޑަށް އިސްކަންދޭކަން އެމަނިކުފާނު ވަނީ ޔަޤީންކޮށްދެއްވާފައެވެ.

ތަފާތު އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ވެސް އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

މި މެސެޖުތައް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ނޭޕާލުގެ އިސްވެރިންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެން، މުޅި ނޭޕާލުގެ ރައްޔިތުންނަށް ސުލްޙަމަސަލަސްކަމާއި ކުރިއެރުން ލިބުމަށް އެދި ހެޔޮދުޢާ ކުރައްވާފައެވެ.

Leave a Reply