
މަގުބޫލު އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ހާޒިރުނުވުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ހުރަހަކަށްވާތީ، އެކަން ހައްލުކުރުމަށް ތައުލީމީ ވުޒާރާއިން ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުން ސްކޫލަށް ނުދާ މައްސަލައިގެ ސީރިއަސްކަން އެނގިގެންދިޔައީ ފާއިތުވި ޖޫން މަހުން ފެށިގެން ދުވަހުން ދުވަހަށް ހާޒިރީ ރިޕޯޓުކުރުން މަޖުބޫރުކުރި ހިސާބުންނެވެ. ބަލިވެގެން ފިޔަވައި އެހެނިހެން ސަބަބުތަކާހުރެ ކުދިން ގޭގައި ބޭތިއްބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ސްކޫލުތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައި، ހާޒިރީ ދަށް ކުދިންނާ މެދު އުސޫލުގެ ތެރެއިން ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް މިހާރު އަންގަވާފައިވާކަން ވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ދާދިފަހުން ކުރިއަށްދިޔަ ވޯލްޑްކަޕް މުބާރާތުގެ ދުވަސްވަރު ސްކޫލަށް ހާޒިރުނުވާ ކުދިންގެ އަދަދު ވަނީ އަށްހާހަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ސާޅީސް އިންސައްތަ ދަރިވަރުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. މީގެ އިތުރުން، ދަރިވަރުންގެ ހާޒިރީ ގާތުން ބެލެހެއްޓުމަށްޓަކައި ތައުލީމީ ވުޒާރާއިން މިހާރު ވަނީ އޮންލައިން ހާއްސަ ނިޒާމެއް ވެސް ތައާރަފުކޮށްފައެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































