މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް، ސަރުކާރުގެ އެކިއެކި ކުންފުނިތައް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ މ. ލާލުބާޣު، އަޙްމަދު ޝަހީރު އިއްޔެގެ ވަގުތެއްގައި އައްޔަނުކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނިތައް ބަލަހައްޓާ މައި އިދާރާކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ހާމަކުރައްވާފައިވާ ގޮތުގައި، ޝަހީރު ވަނީ އެމްޓީޑީސީގެ ބޯޑުގެ އެންމެ އިސްވެރިޔާގެ މަޤާމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ވެސް ހަމަޖައްސަވާފައެވެ.

ޝަހީރަކީ ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ދާއިރާއިން ފުޅާ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މި ހިނގާ ސަރުކާރުގެ ކުރީކޮޅުގައި އޭނާ ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރަށް، 2014ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހަމައަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މުހިންމު މަޤާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

Leave a Reply