މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަސްލު މަޤްސަދުތަކާ ލީޑަރޝިޕުން ޚިލާފުވެފައިވާ ކަމަށް މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއަށް 21 އަހަރު ފުރުނު މުނާސަބަތުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ހިއްސާކުރެއްވި މެސެޖެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މަރްޙޫމް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް)އާ އެކު ޕާޓީ ރަޖިސްޓްރީކުރުމުގެ މަރުޙަލާގައި ބައިވެރިވި ފަރާތެއްގެ ހައިސިއްޔަތުން އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އިސް ފަޑީގެ އަމަލުތައް ހުރީ ޕާޓީ އުފެއްދުމުގެ މައިގަނޑު ރޫހާ މުޅިން ދުރަށް ގޮސްފައެވެ. އަދި ފާއިތުވި ތަނެކޭ އެއްފަދައިން މިހާރު ވެސް ޕާޓީގެ ދުވެލި ހުރީ ހަމަ އެ މަގުންކަމަށް ވާތީ، އެކަން ބަދަލުކުރުމަށް އޭނާ ވަނީ ޕާޓީގެ އާންމު މެންބަރުންނާއި ވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ސިޔާސީ މާހައުލު އޭރު އޮތް ގޮތުން، އެމްޑީޕީ އުފެއްދުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިޔައީ އަވައްޓެރި ސްރީލަންކާގައެވެ. މި ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ގޯގޯ ލަތީފަކީ ޕާޓީގެ ފުރަތަމަ މެނިފެސްޓޯއާއި ‘ކޮލަމްބޯ ޑިކްލަރޭޝަން’ އެކުލަވައިލުމުގެ މޭސްތިރިއެވެ. މެންބަރު އިބްރާހީމްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައި ވަނީ ޑިމޮކްރަސީގެ މަގަށް ރާއްޖެ ގެނައުމަށްޓަކައި އެބޭފުޅުން ލަންކާގައި ކުރެއްވި ތާރީޚީ މަސައްކަތްޕުޅަށެވެ.

1989ވަނަ އަހަރު ގއ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެސް ފުރުއްވި ލަތީފް، ފަހުގެ ތާރީޚެއްގައި ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. 2022ވަނަ އަހަރުގެ ޖުލައި މަހު ލަތީފް އަވަހާރަވިއިރު، އެމްޑީޕީގެ އުސޫލުތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅިގެން، ޕާޓީ އުފެއްދުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ޕާޓީއާ ދުރަށް ވަޑައިގެންފައެވެ. މިހާރު ޕާޓީގައި ތިއްބެވީ އޭގެ ތެރެއިން ވަރަށް މަދު ބޭފުޅެކެވެ.

Leave a Reply