
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރުން ފަސްކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު، އޭނާ އެދިވަޑައިގެންފައި ވަނީ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، މެންބަރުން ޕާޓީން ވަކިވުމުން، ވަކިކުރުމުން ނުވަތަ އަމިއްލަ މެންބަރަކު އެހެން ޕާޓީއަކާ ގުޅުމުން ގޮނޑި ގެއްލޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތަށް އަންގައިދިނުމަށެވެ. މީގެ އިތުރުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންނާ މެދު ވެސް އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް، ކޯޓުން ނެރުނު ނިންމުމުގައި ބަޔާންކޮށްފައި ވަނީ، މެންބަރުންގެ ގޮނޑި ދިފާއުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެފިނަމަ، އެކަމުގެ ސަބަބުން މުޅި މައްސަލައިގެ އަސްލަށް ނުވަތަ މައުޟޫއަށް ސީދާ ނުފޫޒު ފޯރާނެތީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ. ހަމައެއާ އެކު، ފަނޑިޔާރުންނަށް ރައްކާތެރިކަން ހޯދުމަށް އެދުނު ނުކުތާއާ ގުޅިގެން ކޯޓުން ފާހަގަކުރީ، އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ފަނޑިޔާރުން އަމިއްލައަށް ގޮތް ނިންމުމަކީ ގާނޫނީ ހަމަތަކާ ޚިލާފު ކަމަކަށްވާތީ އެ އަމުރު ވެސް ނެރެދެވެން ނެތް ކަމުގައެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































