
މެދުކެނޑުމެއްނެތި ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންވުމުގެ ސަބަބުން ރައްކާތެރިކަމަށްޓަކައި ހުސްކުރި ގެތަކަށް މީހުން އަނބުރާ ބަދަލުކޮށް، އެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފޯރުކޮށްދޭން ފަށައިފިއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭގޮތުގައި، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ކުރި ވިއްސާރަ މިހާރު ވަނީ އަލިކުރަން ފަށާފައެވެ. މިއާއެކު، މެދުކެނޑިފައިވާ އާންމު ޚިދުމަތްތައް އަލުން އިއާދަވެ، ނަރުދަމާއަށް ދިމާވި މައްސަލަތައް ވެސް މިހާރު ވަނީ ގިނަ ރަށްރަށުގައި ހައްލުކުރެވިފައެވެ. އަދި ގެއްލުންވި ގެތައް ސާފުކުރުމުގައި އަމަލުކުރަންވީ ރައްކާތެރި ގޮތްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އަންނަނީ އާންމުންނަށް އަންގައިދެމުންނެވެ.
ފާއިތުވެދިޔަ ހަތަރު ދުވަހު ރާއްޖެއަށް، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ވަނީ މަޢުލޫމާތު ދީފައެވެ.… pic.twitter.com/rEbAUoJCa2
— NDMA Maldives (@NDMAmv) September 15, 2026
މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. އެރަށުގެ 95ގެއަކަށް ފެން ވަދެފައިވާއިރު، މީހުންނަށް ދިރިނޫޅެވޭ ވަރަށް 7ގެއަކަށް ގެއްލުންވުމުން އެ އާއިލާތައް ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. ފޭދޫގެ އިތުރުން މަރަދޫގެ ދެ ގެއަކަށާއި، ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ގޭބިސީތަކުގެ ނަރުދަމާގެ ހޮޅިތައް ބެދުމުގެ މައްސަލަވެސް ކުރިމަތިވިއެވެ.
ފޭދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި މޫސުން ރަނގަޅުވި ނަމަވެސް، ފެންވަން ގެތަކުގެ ހާލަތު އަދިވެސް ގޯހެވެ. ކައުންސިލް މެމްބަރު ޒަހާ ވިދާޅުވީ، ރިޕޯޓު ނުކުރާ ގެތައް ވެސް ހުރުމުން ގެއްލުންވި ގެތަކުގެ އަދަދު 95އަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ފުރިހަމަ ތަފްސީލު ލިބޭނީ އެސެސްމަންޓް ނިމުމުންނެވެ. މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ފޭދޫގެ ފެން ހިންދާ ނިޒާމު ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވިގެންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން މޫސުން މުޅިން ރަނގަޅުވާނެއެވެ. ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށްފަހު، އެންޑީއެމްއޭއިން ދަނީ ކައުންސިލްތަކާ ގުޅިގެން ސަރުކާރުގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސްކުރަމުންނެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































