
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް ބޭނުންވާ މިންވަރަށް މެމްބަރުންގެ ސޮއި ހަމަކޮށްފިއެވެ.
މަގާމުން ދުރުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިފައިވާއިރު، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މުވާސަލާތުކުރުމަށް ބޭނުންކުރާ ރަސްމީ ވަޓްސްއެޕް ގުރޫޕުން ވެސް މިހާރު ވަނީ ނާޒިމް އުނިކޮށްފައެވެ. މީގެ އިތުރުން އޭނާއާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ޖަލްސާއަށް ވެސް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާއާއި ބައެއް ކޮމިޓީތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ މަޖިލީހަށް ހާޒިރުވެފައިވަނީ މަޖިލީހުގެ ނައިބު ރައީސް ނާޒިމުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ 6 މެންބަރުން އެކަންޏެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































