
ތައިލެންޑްގައި ކުރިއަށްދާ ސަރަޙައްދުގެ އެންމެ ބޮޑު އެއް ޙަލާލް ޓްރޭޑް އެކްސްޕޯ ކަމަށްވާ “ގްރޭންޑް ޙަލާލް ބެންކޮކް 2026” ގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެ އެވެ.
މި އެކްސްޕޯގައި މިފްކޯއިން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ފެންވަރު ރަނގަޅު ދިވެހި މަހުގެ އުފެއްދުންތަކާއި،ރާއްޖޭގެ އަސްލު ރަހަތައް މުޅި ދުނިޔެ އަށް ދައްކާލުމަށް އިސް ދައުރެއް އަދާކޮށްފަ އެވެ.
މިފްކޯއިން ބުނީ މި ޝަރަފުވެރި އިވެންޓުގެ ސަބަބުން އެ ކުންފުންޏަށް ވަނީ ވިޔަފާރީގެ އައު ދޮރު ތަކެއް ހުޅުވިފަ އެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ޕާޓްނާޝިޕްތައް ބަދަހިކުރުމަށާއި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ހިއްސާކުރުމަށް މި އެކްސްޕޯގެ ސަބަބުން ވަރަށް ބޮޑަށް މަގުފަހިވެގެންދިޔަ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި މަހުގެ 15 އިން 17 އަށް ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓާ (ބިޓެކް) ގައި ކުރިއަށްދާ މި ފެއާ އަކީ ޙަލާލް ވިޔަފާރިއަށް ޚާއްޞަކޮށްގެން ތައިލެންޑްގެ ސެންޓްރަލް އިސްލާމިކް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ބޮޑު ހަރަކާތެކެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































