ދަމަނަވެށި ބަންދުކޮށް ވެކްސިން ޖެހުމުގެ ކަންކަން މާފަންނުގެ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަށް ބަދަލުކުރަން ނިންމައިފި އެވެ.

ދަމަނަވެށިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެތަން މަރާމާތުކޮށް މިހާރު ބޭނުންކުރާ އިމާރާތް އާބަން ހެލްތު ކެއާ ސެންޓަރަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެންވެ ދަމަނަވެށިން ދެމުންދިޔަ ހިދުމަތްތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދޭނީ މާފަންނުގައި ގާއިމުކޮށްފައިވާ އާބަން ޕްރައިމަރި ހެލްތު ކެއާ ސެންޓަރުން ކަމަށް ދަމަނަވެށިން ބުންޏެވެ.

އޭގެ އިތުރުން ވެކްސިން ޖެހުމުގެ ހިދުމަތް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓް އަދި އަދި ޖީޕީ ކްލިނިކްއިން ވެސް ލިބޭނެ ކަމަށް ދަމަނަވެށިން ބުންޏެވެ.

ދަމަނަވެށި ބަންދުކުރަން ނިންމި އިރު ސަރުކާރުން ނިންމާފައިވަނީ މިހާރު ދަމަނަވެށި ހުރި ތަނާއި ކުރީގެ ތެލެސީމިއާ ސެންޓަރު ހުންނަތައް އެއްކޮށްލައި ޖީޕީ އަދި ޕްރައިމަރީ އާބަން ހެލްތު ކެއާ ސެންޓަރެއް ގާއިމުކުރުމަށެވެ.

Leave a Reply