މެދުއިރުމަތީގެ ހުރުމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް މިނިވަންކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށް، ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މުހިންމު ގަރާރުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ގަރާރު ކޯ-ސްޕޮންސާކޮށްފިއެވެ.

ބަހްރައިން، ކުވައިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިތުރުން އުރުދުން ގުޅިގެން ސަލާމަތީ މަޖިލީހަށް ވެއްދި މި ގަރާރުގެ މައިގަނޑު އަމާޒަކީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލުމުގެ ނިޒާމުތައް ހިމާޔަތްކުރުމާ އެކު، ކަނޑުމަގުން ކުރާ ދަތުރުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެކަން ޔަގީންކުރުމެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ގަރާރަށް ރާއްޖެއިން ތާއީދުކުރީ ވަކި ހާއްސަ އިސްތިސްނާތަކަކާއެކުގައެވެ. އެގޮތުން، މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތަށާއި، ކަނޑުގެ ސަރަހައްދީ އިހުތިސޯސަށް، ނުވަތަ ބައިނަލްއަގުވާމީ ގާނޫނުތަކުން ޖަޒީރާ ގައުމުތަކަށް ލިބިދޭ ހާއްސަ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަން އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ. އަދި އދ. ގެ ކަނޑުގެ ގާނޫނާބެހޭ މުއާހަދާ (އަންކްލޯސް) ގެ ދަށުން ރާއްޖެއިން ގަބޫލުކުރާ އަސާސްތަކާއި މިނިވަންކަމާ އެކު ދަތުރުފަތުރުކުރުމުގެ ހައްގު މިކަމުގެ ސަބަބުން ނުގެއްލޭނެކަން ވެސް ފާހަގަކޮށްފައިވެއެވެ.

ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ގޯސްވިޔަނުދީ، ދުނިޔޭގެ އިގުތިސާދާއި ސަޕްލައި ޗެއިންތަކަށް ދިމާވެދާނެ ހުރަސްތައް ނައްތާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމަށް ވެސް ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

Leave a Reply