
ލ. މާވަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ބޭނުމުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން މިހާރު އެ ރަށުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފިއެވެ.
ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން 61.46 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަސައްކަތުގެ ދަށުން، ޖުމްލަ 15 ހެކްޓަރުގެ އައު ސަރަހައްދެއް އެ ރަށުގެ ފަޅުން ހިއްކުމަށް ވަނީ ކަނޑައަޅާފައެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ހަލުވި ސްޕީޑެއްގައެވެ.
Project Update: Design and build of Dredging and Reclamation Works at L. Maavah
Dredging and reclamation operations are currently ongoing at the project site with 65% progress.
Follow more updates at: https://t.co/SfVAzkVuzR#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/Ci6HcafXXZ
— MTCC Plc (@MTCCPlc) June 28, 2026
މި ބިޔަ މަޝްރޫޢު އެއްކޮށް ނިމުމުން، ގޯތިގެދޮރު ނުލިބުމުގެ ސަބަބުން މާވަށުގެ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ދާއިމީ ފުރިހަމަ ތަސައްލީއެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ބިމުގެ ޖާގަ އިތުރުކުރުމުގެ އިތުރަށް، މާވަށުގެ އާންމު ރައްޔިތުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން އެ ރަށުގައި ތަރައްޤީކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވެސް މިވަގުތު ކުރިއަށްގެންދަނީ ހަމަ އެމްޓީސީސީގެ ފަރާތުންކަން ފާހަގަކޮށްލެވެއެވެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































