
އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ބޭސްފިހާރަތަކުގެ ޚިދުމަތް ކުރިއަށް އޮތް ތިން ދުވަހަށް މެދުކަނޑާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ދައުލަތުގެ އައު ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައިސްއާ އޮޕަރޭޝަންތައް ހަވާލުކުރުމުގެ ކުރިން އިންވެންޓްރީ ނެގުމުގެ ބޭނުމުގައި މާދަމާއިން ފެށިގެން މި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ފާމަސީތައް އާންމުންނަށް ބަންދު އެސްޓީއޯއިން ބުނެއެވެ. ނަމަވެސް ކުއްލި ހާލަތްތަކުގައި ބޭސް ބޭނުންވާ ފަރާތްތަކަށް ދަތިކަމެއް ނެތި ބޭސް ފޯރުކޮށްދެވޭނެ ހާއްސަ އިންތިޒާމުތަކެއް ވަނީ ގާއިމުކުރެވިފައެވެ. މި މުއްދަތުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ފިހާރަތަކުގައި މިހާރު ހުރި މުދާ ގުނުމާއި ސްޓޮކް ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެވެ.
މި ބަދަލާ އެކު، އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެސްޓީއޯގެ ދަށުގައިވާ ހުރިހާ ބޭސްފިހާރައެއް ހިންގުމުގެ ފުރިހަމަ ޒިންމާ ނަގާނީ ސްޓޭޓް ފާމާއިންނެވެ. އަދި ރާއްޖެއަށް ބޭނުންވާ އެންމެހާ ބޭސް އެތެރެކުރުމާއި ސަޕްލައިކުރުމުގެ މައިގަނޑު ދައުރު ވެސް އަދާކުރާނީ ހަމަ އެ ކުންފުނިންނެވެ. މީގެ އިތުރުން، އައު މެނޭޖްމަންޓުގެ ދަށުން ސްޓޮކް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ސޮފްޓްވެއަރ ނިޒާމުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ޖުލައި މަސް ފެށުމުގެ ކުރިން އެއްކޮށް ނިންމާލުމަށް ސްޓޭޓް ފާމާއިން ވަނީ އަމާޒުހިފާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ އައު ބޭސް ކުންފުނިން މިހާރު ވެސް ވަނީ އައިޖީއެމްއެޗްގައި އެ ކުންފުނީގެ ފުރަތަމަ އައުޓްލެޓް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ. އަދި އާންމު ރައްޔިތުންނަށް ފަސޭހައިން ބޭސް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން 1050ގެ ނަމުގައި ހާއްސަ ހޮޓްލައިނެއް ތައާރަފުކޮށް، އާސަންދައިގެ ދަށުންނާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ޕްރިސްކްރިޕްޝަންތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































