
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމިކް ފައިނޭންސަށް ބަދަލުކުރަން އޯޕަންޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ.
އެސްއެމްއީ އިން މައުލޫމާތު ދިން ގޮތުގައި މި އޯޕެންޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15ވަނަ ދުވަހުގެ ހެނދުނު 9އިން 4 އަށެވެ. އަދި މި އޯޕެންޑޭ ކުރިއަށް ގެންދިއުމުގެ މަގުސަދަކީ މި އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް ބުނެފައިވެއެވެ.
މި އޯޕެންޑޭގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާ އެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެސްއެމްއީ އިން ބުނެއެވެ. އަދި މި ލޯނަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ އޮފާތައް ފޮނުވާފައިވާ ކަމަށާއި މި އޮފާ ގަބޫލުކުރާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ރީފައިނޭންސް ކުރުމަށް އަންނައިރު އައިޑީ ކާޑު ގެނަންޖެހޭނެ ކަމަށާއި އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްއެމްއީއިން ބުނެއެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































