މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޓީސީސީން، މިއަހަރުގެ އަޟްހާ އީދު ނަމާދުގެ ޖަމާއަތަށް ވަގުތު ދިނުމުގެ ގޮތުން، އީދު ދުވަހުގެ ހެނދުނު ކުރާ ބަސް ދަތުރުތަކުގެ ގަޑިތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، އީދު ދުވަހު އާންމު ރޫޓުތަކުގެ ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00ގައެވެ. ނަމަވެސް އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ހެނދުނު ކުރީކޮޅު ބާއްވާނެއެވެ.

އެގޮތުން، އާރްޓީއެލްގެ އާރް3 (މާލެ-އެއާޕޯޓް)، އާރް4 (ހުޅުމާލެ ފިޔަވަހި1-އެއާޕޯޓް) އަދި އާރް9 (ހުޅުމާލެ ފިޔަވަހި2-އެއާޕޯޓް) ރޫޓުން ކުރާ ފުރަތަމަ ދަތުރު ފަތިހު 5:30އިން ފެށިގެން 6:05އަށް ކުރިއަށްދާނެއެވެ. އަދި އީދު ނަމާދުގެ ކުރިން އޮންނަ ދެވަނަ ބުރުގެ ދަތުރުތައް ފަށާނީ ހެނދުނު 6:35ގައެވެ.

މި ހާއްސަ ދަތުރުތަކަށްފަހު އީދު ނަމާދުގެ ވަގުތަށް ބަހުގެ ހިދުމަތް އެއްކޮށް މެދުކަނޑާލާނެއެވެ. އީދު ނަމާދުގެ ޖަމާއަތަށްފަހު، އެހެނިހެން ދުވަސްތަކެކޭ އެއްފަދައިން ހެނދުނު 8:00އިން ފެށިގެން ހުރިހާ ރޫޓެއްގެ ދަތުރުތައްވެސް އާދައިގެ މަތިން ކުރިއަށްދާނެކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

Leave a Reply