
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކުޑަ ބާރެއް ލިބުނީތީ، ޢީދުގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިއްޖެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަރީޝް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ ‘އެކްސް’ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވެފައި ވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ޢީދާ ގުޅިގެން މުޅި ގްރޭޓާ މާލެ ސަރަހައްދުގައި ތަކުބީރުގެ އަޑު ގުގުމާލާފައިވާ ކަމަށެވެ. އަދި އޭރު ޕީއެންސީ އަށް ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އިރު، އެ ރީތި އާދަ މެދުކެނޑުމެއްނެތި ދަމަހައްޓަމުން އައިކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި، މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިގެންދިޔަ ފުރަތަމަ އީދަކީ މިއީއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު @MMuizzu މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު، މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ އެކި ހިސާބުތަކުން ތަކުބީރުގެ މާތް އަޑު…
— Mohamed Areesh (@attuareesh) May 29, 2026
ނަމަވެސް މިހާރު ކަންކަން ބަދަލުވެފައިވާކަން ފާހަގަކުރައްވައި އަރީޝް ވިދާޅުވީ، އިދިކޮޅު އެމްޑީޕީއަށް ކުޑަ ނަމަވެސް ބާރެއް ލިބުމާ އެކު ދީނީ މިފަދަ ކަންކަމަށް ފަރުވާކުޑަވެގެން ގޮސްފައިވާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން މި އީދުގައި މާލެތެރެއިން ތަކުބީރުގެ އަޑު މުޅިން ކެނޑިގެން ގޮސްފައިވާކަމީ ހިތާމަހުރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އީދު ދުވަސްތަކާ ދިމާކޮށް މާލޭގެ މަގުތަކާއި ގޯޅިތައް ކުލަބޮކިތަކުން ޒީނަތްތެރިކުރުމުގެ އިތުރުން، ލައުޑް ސްޕީކަރުތައް މެދުވެރިކޮށް ތަކުބީރުގެ އަޑު އިއްވުމުގެ ހާއްސަ ހަރަކާތްތަކެއް އެންމެ ފުރަތަމަ ތައާރަފުކުރެއްވީ ރައީސް ޑރ. މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































