
ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ގޮތުގައި ފާހަގަކުރެވޭ ހިރިގަލުގެ މިސްކިތްތައް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި 2027ވަނަ އަހަރުގެ ފަހުކޮޅު ހިމެނިގެންދާނެކަން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު އިއުލާންކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރު މިކަން ހާމަކުރެއްވީ، ޔުނެސްކޯގެ ލިސްޓުގައި މި ތާރީޚީ ބިނާތައް ހިމެނުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ސާފުކުރުމަށް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މަޖިލީހުގެ ޖަލްސާގައި ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
މި ލިސްޓަށް ރާއްޖެއިން ކުރިމަތިލުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ޑޮޒިއާ، މި އަހަރުގެ ޖަނަވަރީ 21ގައި ޔުނެސްކޯއަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޖަމިއްޔާގެ ޚާއްސަ އިވެލުއޭޝަން ޓީމަކުން ރާއްޖެ އައިސް މިސްކިތްތައް ބަލައި ފާސްކުރާނެ ކަމަށެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލައި، ބައެއް މިސްކިތްތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ވުޒާރާއިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި އެ ޓީމުގެ ލަފާގެ މަތިން ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނެސް، ރަސްމީކޮށް ލިސްޓުން ޖާގަ ކަށަވަރު ވާނީ 2027ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ވަޒީރު ތަފްސީލުދެއްވިއެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އަރާނެކަމަށް އުއްމީދުކުރެވޭ ބިނާތަކުގެ ތެރޭގައި ހިމެނެނީ މާލޭ ހުކުރު މިސްކިތުގެ އިތުރުން، ހއ. އިހަވަންދޫ، އދ. ފެންފުށި، އަދި ރ. މީދޫގައި ހުރި އާސާރީ ހުކުރު މިސްކިތްތަކާއި ލ. އިސްދޫ އާސާރީ މިސްކިތެވެ.
ދިވެހިރާއްޖޭގެ ހިރިގަލުގެ ވަޑާމަކީ، ދުނިޔޭގެ ފެންވަރުގައިވެސް އެފަދަ ދެވަނައެއް ނެތް އާދަޔާޚިލާފު ހުނަރުވެރި އަތްތެރި މަސައްކަތެއްކަމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުން ވެސް އިއްތިފާގުވެއެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































