
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މުޅިން ފެއިލްވެފައިވާ ކަމަށާއި، އެހެންކަމުން އެ ޕާޓީން ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް މިފަދައިން ފާޑުވިދާޅުވެފައި ވަނީ، “ޑޮލަރެއްނެތް” މި ނަމުގައި އެމްޑީޕީގެ ފަރާތުން ޖުލައި 12ވަނަ ދުވަހުގެ ރޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތަނުގައި އެމްޑީޕީން ކުރި ދެ ވެރިކަމުގައި ވެސް ޤައުމަށް އިތުރު މަންފާއެއް ހޯދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ކުރީގެ ސަރުކާރުތަކުން ބިނާކޮށްފައިވާ މުދާތައް ބޭނުންކޮށް، ދަރަނި ނެގުމަށްޓަކައި ދައުލަތުގެ އެސެޓްތައް ރަހުނުކުރި މަންޒަރުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2008ވަނަ އަހަރު އުފެދުނު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރަށް އަލިއަޅުއްވާލައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، ލެޕްޓޮޕަކާއި ފަޅުރަށަކުން ޤައުމު ހިންގާނެކަމަށް ވަޢުދުވެ ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ވެސް ބަންދުކޮށްލީ ބޭރު ފައިސާ ލިބެން ހުރި މަގުތައް ކަމަށެވެ. އެގޮތުން 70 މިލިއަން ޑޮލަރު ހޯދުމުގެ ބޭނުމުގައި ޤައުމީ އެއަރޕޯޓާއި، ދިރާގު އަދި އެމްޑަބްލިޔުއެސްސީ ފަދަ މުހިންމު ކުންފުނިތަކުގެ ޙިއްޞާ ވިއްކާލީ އެމްޑީޕީގެ ވެރިކަމުގައިކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީން ޤާނޫނާ ޚިލާފަށް 8 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ފައިސާގެ އަގު ވެއްޓިގެންދިޔަ ކަމަށް ވިދާޅުވެ، މިހާރުގެ އިޤްތިޞާދީ ދަތިކަމުގެ އަސްލަކީ އެއީކަމަށް ޢަބްދުއްރަޙީމް ތުހުމަތުކުރެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިޤްތިޞާދު ފުނޑިގެންދިޔުމުން ރައްޔިތުން ނުކުމެ މުޒާހަރާކުރި ނަމަވެސް، މިއަދު އެމްޑީޕީން ގޮވާލުމުން މީހުން ނުނުކުންނަނީ އޭރުގެ ޙާލަތާއި މިހާރުގެ ސަރުކާރުން ކަންކަން މެނޭޖުކުރާ ގޮތުގެ ތަފާތު ރައްޔިތުންނަށް ސާފުވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަޙަށް ބަލާއިރު، ގަލްފުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު ވަކި ވެރިއަކަށް ބެލުމެއްނެތި ރާއްޖެއަށް ވެސް ކުރާނެކަން ޤަބޫލުކުރަންޖެހޭކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެހެންނަމަވެސް، މި ވެރިކަމުގެ ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ދަރަނީގެ ގޮތުގައި ބިލިއަނެއްހާ ޑޮލަރު ދައްކާފައިވުމަކީ، މިހާރުގެ ސަރުކާރުން އިޤްތިޞާދު ހަރުދަނާކަމާ އެކު މެނޭޖުކުރަމުންދާ ކަމުގެ ފުރިހަމަ ހެއްކެއްކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































