
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ތިލަފުށީގެ ފަޅުތެރޭގައި ހުރި އެންމެހާ އުޅަނދުފަހަރު ހަތް ދުވަހުގެ ތެރޭގައި ނަގައި ސަރަހައްދު ހުސްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ގޮތުގައި، ތިލަފުށީގެ މެދުތެރޭ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، އަޑިއަށް ގޮސްފައިވާ އަދި ދޫކޮށްލާފައިވާ އުޅަނދުތައް ވެސް މި މުހުލަތުގެ ތެރޭގައި ނަގަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފަޅުތެރެ ހުސްނުކޮށްފިނަމަ، އޮންނަ އުސޫލުގެ މަތިން އެފަދަ އުޅަނދުތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް އެ ކުންފުނިން ވަނީ ދީފައެވެ. ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަނީ މާލޭގެ ޕޯޓުގައި މުދާ ކްލިއަރކުރުމަށް ދިމާވެފައިވާ ތޮއްޖެހުމަށް ދާއިމީ ނިމުމެއް ގެނައުމުގެ މަގުސަދުގައެވެ.
ބަނދަރު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ މައިގަނޑު ކޮންޓްރެކްޓަރަކީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ)އެވެ. މިގޮތުން، 1000 މީޓަރަށްވުރެ ދިގުމިން ހުންނަ ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، އަތޮޅުތެރޭގެ ދަތުރުތަކަށް ހާއްސަކޮށްގެން 2000 މީޓަރުގެ ޑޮމެސްޓިކް ޓަރމިނަލެއް އެ ކުންފުނިން ބިނާކުރާނެއެވެ. ހަމައެއާ އެކު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ވެސް މި މަޝްރޫއުގެ ބައެއް ވަނީ ހަވާލުކޮށްފައެވެ. އެއީ 100 މީޓަރުގެ އެތެރެވަރީގެ ކީ-ވޯލްއެއް ހެދުމާއި، ތިން ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ގާއިމުކުރުމުގެ މަސައްކަތެވެ.
މާލޭގެ ތޮއްޖެހިފައިވާ ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެން ދިއުމަކީ ރާއްޖޭގެ ލޮޖިސްޓިކްސް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެއްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ދެކެއެވެ. މިކަމުގެ ސަބަބުން މުދާ އަރުވައި ބޭލުމުގެ ސްޕީޑު އެތައް ގުނައެއް އަވަސްވެ، މުޅި އިގުތިސާދަށް އޭގެ އެދެވޭ މަންފާ ކުރާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































