
ގޫގަލްއަށް އައްޑޫ ސިޓީއިން ދިން ބިމުން ކުލި ނަގާނެކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ގޫގުލް އިން ރާއްޖެއަށް އިންވެސްކޮށްގެން އައްޑޫ ހިތަދޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ހެދުމަށް އިންވެސްޓު ކުރުމަށް ނިންމާފައިވާ އިކޮނޮމިކް މިނިސްޓްރީ އިން ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ނަމަވެސް އެ މަޝްރޫއުގެ މައުލޫމާތުތައް ނޭނގޭކަމަށް އައްޑޫ ސިޓީ ކައުންސިލްއިން ކުރިން އޮތީ ބުނެފައެވެ.
އައްޑޫގެ މޭޔަރު މިއަދު ދެއްވި ވިދާޅުވީ ގޫގަލްއަށް ދޫކުރި ބިމުން ލިބެން ޖެހޭ ކުލި ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
“ގޫގުލްގެ ވެރިންނަށް ވެސް އަޅުގަނޑު ދަންނަވާނީ އެ ބިމުން އަޅުގަނޑުމެން ކުލި ނަގާނަމޭ. އަދި މިހާރު ޑީލްތައް ހަދައިގެން ހިލޭ ބިންތައް ނަގައިގެން ތިއްބަސް އަޅުގަނޑުމެން ކުލި ނަގާނަން”ނިޒާރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ގޫގަލްގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024ވަނަ އަހަރު ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅު ތެރެއިން ގޫގުލްގެ މެނޭޖުމަންޓާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ނިންމުނު ކަމެއް ކަމަށެވެ.
މި މަޝްރޫއުއާއެކު ރާއްޖެ ވެގެންދާނީ ސަރަހައްދުގެ މުއާސަލާތީ މަރުކަޒަކަށް ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































