
މުޅި ރާއްޖޭގައި ހަލުވިކަމާ އެކު އިންފްލުއެންޒާއާއި، ޑެންގީ އަދި އަރިދަފުސް ރޯގާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާތީ، އެކަންކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އާންމު ރައްޔިތުންނަށް މިއަދު ގޮވާލައްވައިފިއެވެ.
އެ އޭޖެންސީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖަނަވަރީ މަހުން ފެށިގެން މި ހިނގާ މަހުގެ ނިޔަލަށް ބަލިމަޑުކަން ފެތުރޭ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖައަކަށް އުފުލިފައެވެ. ޚާއްސަގޮތެއްގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި އަދަދު ވަނީ 2،183އަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު އެންމެ 374 ކޭސްއާ އަޅާބަލާއިރު ނުހަނު ބޮޑު އިތުރުވުމެކެވެ. މީގެ ތެރެއިން ގިނަ ބަލިމީހުން ފެނިފައި ވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން ރަށްރަށުން 1،813 މީހަކަށް ޑެންގީ ޖެހުނުއިރު، ވެރިރަށް މާލެއިން 370 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ހަމައެއާ އެކު، ފާއިތުވި މާޗު މަހުން ފެށިގެން މި މަހުގެ 18ވަނަ ދުވަހާ ހަމައަށް 21،687 މީހަކަށް އަރިދަފުސް ރޯގާގެ ފަރުވާދީފައިވާއިރު، މި ބަލިވެސް އެންމެ ހަލުވިކޮށް ފެތުރެމުންދަނީ އަތޮޅުތެރޭގައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަމިއްލަ ސާފުތާހިރުކަމުގެ އާދަތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ބަލިވެއްޖެނަމަ އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ. އަދި ރޯގާގެ އަސަރު ނުވަތަ ހުމުގެ އަލާމާތްތައް ތިން ދުވަހަށްވުރެ ދިގުލައިދާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































