
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް މިއަދު ދަސްވެނިވި 63 ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ޢާއްމުކުރެއްވި މެސެޖެއްގައި، މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމި ދަރިވަރުންގެ އިތުރުން އެ ކުދިންގެ މައިންބަފައިންނަށާއި، ކޯހުގެ މުދައްރިބުންނަށް އަދި ޤައުމީ ދިފާޢީ ބާރާއި ޑިފެންސް މިނިސްޓްރީއަށް ވަނީ ޝުކުރާއި މަރުޙަބާ ރައްދުކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އަލަށް މި ސަނަދު ހާސިލުކުރި ކުދިންގެ ތެރޭގައި ގިނައީ 17 އަހަރާއި 18 އަހަރުގެ ޒުވާނުންނެވެ. އެގޮތުން 17 އަހަރުގެ 37 ކުދިންނާއި، 18 އަހަރުގެ 24 ކުދިންގެ އިތުރުން 19 އަހަރުގެ ދެ ޒުވާނަކު މީގެ ތެރޭގައި ހިމެނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ވަނީ ދަަސްވެނިވެފައި. މީގެ ތެރޭގައި ހިމެނެނީ، 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުން. މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، ދަސްވެނިންގެ… pic.twitter.com/VefQj3GsNt
— Dr Mohamed Muizzu (@MMuizzu) May 23, 2026
މިއަހަރުގެ ޖަނަވަރީ 15ވަނަ ދުވަހު ފެށި މި ކޯހަކީ، ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މިއަދު ދަސްވެނިވި ކުދިންނަކީ ޑިސެމްބަރު 28 ގައި އަސާސީ މަރުޙަލާ ނިންމުމަށް ފަހު ފަންނީ ދާއިރާއިން ކުރިއަށްދާން ބޭނުންވި ފުރަތަމަ ބެޗުގެ ބައިވެރިންނެވެ. ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، 75 ބައިވެރިންނާ އެކު މި ޕްރޮގްރާމްގެ ދެވަނަ ބުރު އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ހިންގާ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދީނާއި ޤައުމަށް ލޯބިކުރާ، ޢަމަލީ މައިދާނަށް ފަރިތަ އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައި ތިބި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު ޤައުމީ މަޝްރޫޢެކެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































