
އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި މަނަވަރު “ކޯސްޓްގާޑް ޝިޕް އިމާދުއްދީން” އެމްޕީއެލް ހުޅުމާލެ ޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ކޮމިޝަންކޮށްދެއްވައިފިއެވެ.
ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުޢިއްޒު މި އުޅަނދު ކޮމިޝަންކޮށްދެއްވުމާ އެކު، ރަސްމީކޮށް ޚިދުމަތް ފެށުމުގެ ރަމްޒެއްގެ ގޮތުން އުޅަނދުގެ ކުރީކޮޅުގައި ޤައުމީ ދިދަ އަދި ފަހަތުގައި ސިފައިންގެ ދިދަ ވަނީ ވިހުރާލާފައެވެ. އޭގެ އިތުރުން މެއިން ހެލްޔާޑުގައި ކޮމިޝަނިންގ ޕެނަންޓްވެސް ނެގުނެވެ. މި ތާރީޚީ ހަފްލާގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގަތެވެ.
މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާޢުކުރުމަށްޓަކައި ކޯސްޓްގާޑުގެ ބާރުވެރިކަން ދެގުނައަށް އިތުރުކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، އޮސްޓްރޭލިޔާ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އުޅަނދެކެވެ. އޮސްޓްރޭލިޔާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ތެރެއިން ދިން މި މަނަވަރަކީ، އެ ޤައުމުގެ ޕާތުގައި ހުންނަ ހެންޑަސަން ޝިޕްޔާޑުން އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މިދިޔަ މަހު ރާއްޖެއަށް މި އުޅަނދު ގެނައުމުގެ ކުރިން، ދިވެހި ކޯސްޓްގާޑުގެ ސިފައިން ވަނީ އޮސްޓްރޭލިޔާއަށް ގޮސް އުޅަނދު ދުއްވުމުގެ ޚާއްޞަ ތަމްރީނުތަކާއި ފަރިތަކުރުންތައް ފުރިހަމަކޮށްފައެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދޭގޮތުގައި، “ސީޖީއެސް އިމާދުއްދީން” ޚިދުމަތަށް ނެރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ޤާނޫނާ ޚިލާފަށް ކަނޑުމަތީގައި ހިންގާ ކުށްތައް ހުއްޓުވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތަކުގައި މީހުން ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެ، މުޅި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިތުރު ބާރަކަށް މި އުޅަނދު ވެގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































