
އިދިކޮޅު އެމްޑީޕީން ބާއްވަން ރާވައިފައިވާ މުޒާހަރާ މި މަހުގެ 13އަށް ފަސްކޮށްފިއެވެ.
ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީއާއި ޑޮލަރުގެ އަގު ވެސް އިންތިހާއަށް އުފުލެމުންދާކަމަށް ބުނެ އެމްޑީޕީން މި މަހުގެ 12ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ނިންމިކަން ކުރިން އޮތީ އިއުލާންކޮށްފައެވެ.
ނަމަވެސް އެމްޑީޕީން މިއަދު ބުނީ އެ މުޒާހަރާ މި މަހުގެ 13އަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.
އެ މުޒާހަރާ ފަސްކުރި ސަބަބެއް އެމްޑީޕީން ހާމައެއް ނުކުރެއެވެ.
“ދަތިވެއްޖެ” ނަމުގައި މި މަހުގެ 13ވަނަ ދުވަހުގެރޭ 8:30ގައި ސޯޝަލް ސެންޓަރު ކުރިމަތިން ފަށާ އެ މުޒާހަރާގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވެސް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޑީޕީން ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ އިރު ފަހަކަށް އައިސް އެ ޕާޓީގެ ހަރަކާތްތައް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































