މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 18އަހަރުގެ އަންހެން މީހާގެ ބަންދު އިތުރުކޮށްފިއެވެ.

ރ. މަޑުއްވަރި / ރަންތަރި، މުހައްމަދު ނަޖީހު (31އ)އާއިއެކު ބ. ކިހާދޫއަށް ނިސްބަތްވާ އެ ރަށު ޒުވާރިމާގެ، އާމިނަތު ޝަހާމާ ހަމީދު (18އ)މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ނަޖީހު 15ދުވަހަށް ބަންދުކުރި އިރު ޝަހާމާ ބަންދުކުރީ ހަތް ދުވަހަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝަހާމާ ވަނީ އިތުރު 15ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝަހާމާ ދަބަހުގައި އޮތް ތަޅުދަނޑިން އޭނާ ދިރިއުޅޭ ކަމަށް ބުނާ ކޮޓަރީ ހުޅުވާ ބެލިއިރު އެއް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ އެއް ޖޫސް ޕެކެޓް ފެނުނެވެ.

އޭގެ އިތުރުން މަސްތުވާތަކެތި ބަންދުކޮށް ވިޔަފާރިކުރުމަށް ގެންގުޅޭ ކައްޓާއި ރަބަރު ޕެކެޓު ކޮޓަރީގެ އެކ ތަންތަނުން ފެނުނެވެ. އަދި އެތަނުން އެއް ކައްޓާއަކީ ޝަހާމާ ގެންގުޅޭ އެއްޗެއް ކަމަށް ވެސް ބުނި ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.

އަދި އެ ތަކެތި ފެނުނު ކަބަޑާއި އަލަމާރި މަތިން އަދި ކޮޓަރީގެ އެކި ތަންތަނުން ގުޅޭ ލިޔުންތައް ފެނުނުއިރު އަދި ފެނުނު ތަކެތީގެ ބަރުދަނުގައި 18.14ގްރާމްގެ ހެރޮއިން އަދި 0.45ގްރާމްގެ މެތު ފެނުނު ކަމަށް ވެސް ބަންުދު އަމުރުގައި ބުނެފައިވެއެވެ.

Leave a Reply