
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.
މި މަތިވެރި އިއްޒަތް އެމަނިކުފާނަށް އެރުވީ، މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގަނޑުވަރުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. ރައީސް މުޢިއްޒާ މި ސަނަދު ހަވާލުކޮށްދެއްވީ އިސްލާމްއާބާދުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.
މިއީ ސިޔާސީ މައިދާނުގައާއި ދިވެހި ޤައުމު ބިނާކުރުމުގައި އެމަނިކުފާނު އަދާކުރައްވަމުންދާ މުހިންމު ދައުރާއި، ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ދައްކަވަމުންދާ ނަމޫނާ ފާހަގަކޮށް ދެއްވި ޝަރަފެކެވެ.
މީގެ ކުރިން، ފާއިތުވި އަހަރު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް)އިން ވެސް ވަނީ އިސްލާމީ ލީޑަރޝިޕްގެ ރޮނގުން ރައީސަށް ‘އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ފިލޯސަފީ’ އަރުވާފައެވެ.
ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ މި މުހިންމު ދަތުރުފުޅުގެ ހަވާސާގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ތަފާތު ވިހި ދާއިރާއަކުން މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































