ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އަށް އެ ޕާޓީން ދީފިއެވެ.

ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެހެންވެ އެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހަށް މިހާރު އޮތީ ތާވަލުކޮށްފައެވެ.
އެމްޑީޕީން މިއަދު ބުނީ އެ ޕާޓީގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި މުއްދަތު ހަމަވި އިރު ހަމައެކަނި ކުރިމަތިލީ ސޯބެ އެކަނި ކަމަށެވެ. އެހެންވެ އެމްޑީޕީގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ސޯބެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން  ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ތާއިދުކުރައްވައިފައެވެ.

ސޯބެ އައްޑޫގެ މޭޔަރުގެ މަގާމު އެންމެ ފަހުން ހުންނެވީ 2020ވަނަ އަހަރުއެވެ.

ނަމަވެސް އޭގެ ފަހުން މޭޔަރުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވަން ބޭއްވި ޕްރައިމަރީގައި ސޯބެއަށް ނާކާމިޔާބު މޭޔަރުގެ މަގާމަށް އިތުރު ދައުރަކަށް ވަޑައެއް ނުގަނެވުނެވެ.

Leave a Reply