
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ސްކޮލަރޝިޕުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 16އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއިން 10ފުރުސަތާއި ރާއްޖެއިން ބޭރުން 20ފުރުސަތުގެ އިތުރުން ހާއްސަ ސްކޮލަޝިޕްގެ ދަށުން ސާކްގެ ގައުމުތަކުން އަންހެނުންގެ ހާއްސަ ބަލިތަކަށް ބޭނުންވާ އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5ފުރުސަތާއި، ސްޓައިޕެންޑް އެހީގެ ގޮތުގައި ސައުދީ އަރަބިއްޔާއާއި މިސްރުގައި ކިޔަވާ ދަރިވަރުންނަށް 5ފުރުސަތެވެ.
ރާއްޖެއިން ސްކޮލަރޝިޕަށް ހުޅުވާލާފައިވަނީ އިސްލާމިކް ޝަރީއާ، ޤުރުއާނިކް ސައިންސެސް، ޖުޑީޝިއަލް ސައިންސަސް، އިސްލާމިކް އެޑިއުކޭޝަން، އިސްލާމިކް ރިސާޗް އެންޑް ޕަބްލިކޭޝަންސް، އިސްލާމިކް ޖާނަލިޒަމް، އަގީދާ، ފިގުހު، އުސޫލުލް ފިގުހު، އިސްލާމިކް ލީޑާޝިޕް އެންޑް މެނޭޖްމެންޓް، އިސްލާމިކް ސްޓަޑީސް ހިމެނޭ ގޮތަށް އެ ދާއިރާތަކުން މާސްޓަރސް އަދި ޕީޢެޗްޑީ އަށް، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތެވެ.
ރާއްޖެއިން ބޭރުން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް، އިސްލާމިކް ބޭންކިންގ، އިސްލާމިކް ފައިނޭންސް އަށް ޑިގްރީ ލެވެލްއަށް ކިޔެވުމަށާއި، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ބޭންކިންގް، އިސްލާމިކް ފައިނޭންސް، އިސްލާމިކް އެޑިއުކޭޝަން، އިސްލާމިކް ސައިންސް، އިސްލާމިކް ރިވީލްޑް ނޮލެޖް، ޤުރުއާނިކް ސައިންސަސް، ހައްޖު އެންޑް އުމްރާ މެނޭޖްމެންޓް ފަދަ ދާއިރާތައް ހިމެނެއެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































