މާލޭގައި ހުންނަ ފުލުހުންގެ އިމާރާތެއްކަމަށްވާ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތުގެ ގަރާޖަށް ހުއްދަ ނެތި ސިއްރުން ވަދެ ހުއްޓައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަހުގީގީ މައި މަރުކަޒުގެ އުޅަނދުފަހަރު ޕާކުކުރާ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ގުރަހާގެ، އަޙްމަދު ފަޔާޟް (31އ) ނަމަކަށްކިޔާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތައް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި އޭނާގެ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ވަނީ ނިންމަވާފައެވެ.

ފުލުހުންގެ އިދާރާއަކަށް ވަގަށް ވަންކަމުގެ ތުހުމަތަށް ފަޔާޟް ވަނީ ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖުތަކާއި މަންޒަރު ފެންނަ ފޮޓޯތައް ފަދަ ހަރުދަނާ ހެކިތައް ފުލުހުންގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަޔާޟަކީ މީގެ ކުރިން ވެސް އެކި ބާވަތުގެ ޖިނާއީ ކުށުގެ ރެކޯޑުތައް އޮންނަ ފަރާތެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply